މި ޒަމާނުގެ ބޭސްވެރިކަމަކީ އިންސާނީ ބުއްދި އާޝޯޚުކޮށްލާހާ ހަލުވިކަމާއެކު ކުރިއަރާފައިވާ ދާއިރާއެކެވެ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ހަށިގަނޑުގެ އެންމެ ފުންމިނަށް ފީނައިލެވޭ ފަދަ ބާރުގަދަ ސްކޭންތަކާއި އެކްސްރޭ ފަދަ ވަސީލަތްތަކަކީ އޭގެ ޒާތުގައި ހައިރާންކުރަނިވި، ފުރިހަމަ އީޖާދުތަކެކެވެ. ނަމަވެސް، މި ފަންނީ ކުރިއެރުންތަކުގެ އަލިކަމުގެ ފަހަތުގައި ފޮރުވިފައިވާ ބިރުވެރި އަނދިރިކަމާމެދު އަޅުގަނޑުމެންގެ ހިތްތަކާ ކޮށްލަންޖެހޭ ފުން ސުވާލެއް އެބައޮތެވެ؛ ކުޑަ ކަމަކާހެދިވެސް ގިނަގިނައިން ސްކޭންކޮށް ހަށިގަނޑު ހާވައި ބެލުމަކީ އަބަދުވެސް އަޅުގަނޑުމެންނަށް އޮތް އެންމެ ރައްކާތެރި ގޮތް ހެއްޔެވެ؟
ހިތްދަތި، އަދި އެހާމެ ބިރުވެރި ހަގީގަތަކީ، އަޅުގަނޑުމެންގެ ހަށިގަނޑުގެ ތަހުލީލުތައް ގިނަވެ، ސްކޭންތައް ކުރާ މިންވަރު އިތުރުވާ ވަރަކަށް، ހަށިގަނޑުން ކޮންމެވެސް “އާދަޔާ ޚިލާފު” ކުޑަކުޑަ ކަމެއް ފެނުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވެގެންދާ ކަމެވެ. މިޒަމާނުގެ އިމޭޖިންގ ޓެކްނޮލޮޖީއަކީ އިންތިހާއަށް ބާރުގަދަ އެއްޗަކަށް ވުމުން، ހަށިގަނޑަށް އަންނަ އާދައިގެ، ކުދިކުދި ބަދަލުތައްވެސް ވަރަށް ފަސޭހައިން މެޝިންތަކުގެ ލޮލަށް އަތުލައިގަނެއެވެ. މީގެ ތެރޭގައި، މުޅި އުމުރު ދުވަހު އަޅުގަނޑުމެންގެ ހަށިގަނޑުގައި ހުއްޓަސް އެއްވެސް ވޭނެއް، އުނދަގުލެއް ނުދޭނެ، ނުވަތަ އަޅުގަނޑުމެންގެ އުފާވެރި ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކިތަންމެ ކަމެއް ވެސް ހިމެނެއެވެ.
އެކަމަކު އެންމެ ހިތާމަވެރި ކަމަކީ މިއީއެވެ؛ އެފަދަ ކުޑަކުޑަ ނިޝާނެއް މެޝިނަށް ފެނުމާއެކު، އެއަށް “ބައްޔެއްގެ” ނަން ދެވި، އެއްވެސް ކުށެއްނެތް، އުފަލުގައި ދިރިއުޅެމުންދިޔަ މައުސޫމު އިންސާނާގެ ބޮލުގައި ކުއްލިއަކަށް ބަލިމީހެއްގެ ލޭބަލް އެޅުވެއެވެ. ބަލި މީހެއްގެ ގޮތުގައި ލޭބަލް ކުރެވޭ ހިސާބުން، މުޅި މެޑިކަލް އެސްޓަބްލިޝްމެންޓުގެ ބިޔަ ނިޒާމުގެ ދަށަށް އެ މީހަކު ދަމައިގަނެއެވެ. އެ ހިސާބުން އޭނާގެ މިނިވަންކަން ގެއްލި، ފެށިގެންދަނީ ހޮސްޕިޓަލުތަކުގެ ކަރިޑޯތަކަށާއި، ބޭސް ސިޓީތަކަށާއި، ފޮލޯ-އަޕް އެޕޮއިންޓްމަންޓްތަކުގެ އިތުރުން އެކިއެކި ޕްރޮސީޖާތަކުގެ ނިމުމެއް ނެތް ބިރުވެރި ސިލްސިލާއެކެވެ. މިހިސާބުން، މީހާގެ ސިއްހަތު ދެމެހެއްޓުމާއި ދުޅަހެޔޮކަން އިތުރުކުރުމުގެ ވިސްނުން ކެނޑި، ކުރިން ހަށިގަނޑަށް ލިބިފައި އޮތް އުފާވެރިކަން މުޅިން ގެއްލި، މުޅި ފޯކަސް ބަދަލުވަނީ އެ ފެނުނު “ބަލި” މެނޭޖްކުރުމަށެވެ.
މިއީ މިޒަމާނުގެ ބޭސްވެރިކަމުގައި ފެންނަން އޮތް ކިހާ ހިތްދަތި ހަގީގަތެއްތޯއެވެ؟ އަޅުގަނޑުމެން ބަލަން ބޭނުންވާ ވަރަކަށް، ފެންނަ ކަންކަން ގިނަވާނެއެވެ. އަދި ފެންނަ ކަންކަން ގިނަވާ ވަރަކަށް، އުމުރު ދުވަހު ބޭސްކުރުމާއި މޮނިޓަރ ކުރުމުގެ ވޭންދެނިވި ބުރުގެ ތެރެއަށް މީހާ ގެނބިގެންދެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ، އެއްވެސް ތަހުލީލެއް ނުކުރި ނަމަ، އިންސާނާގެ ހަށިގަނޑަށް ދުވަހަކުވެސް ގެއްލުމެއް ދޭނެ ކަންކަމެއް ނޫނެވެ.
މިޒަމާނުގެ ބޭސްވެރިކަމުގެ ނިޒާމުގެ ތެރޭގައި ފޮރުވިފައިވާ މި ނުރައްކާތެރި ހަގީގަތަށް ބަލާއިރު، މިއަދު މި ސިނާއަތް ބަދަލުވެފައިވަނީ ހަމައެކަނި ބަލިމީހާއަށް ފަރުވާދީ، ފުރާނަ ސަލާމަތްކުރާ މާތް ތަނަކަށް ނޫނެވެ. ބައެއް ހާލަތްތަކުގައި، ބަލިތައް “ޑައިގްނޯސް” ކުރުމަކީ ނުވަތަ ބަލި ދެނެގަތުމަކީ ބޮޑެތި ކުންފުނިތަކަށް ފައިސާ ޗާޕުކުރާ މެޝިނަކަށް ވަނީ ބަދަލުވެފައެވެ. ކުލުނާއި، އިޚްލާޞްތެރިކަމާއި، އިންސާނިއްޔަތުކަން އިސްކުރުމުގެ ބަދަލުގައި، ފައިދާއާއި މަންފާއަށް ދަހިވެތިވެ އިސްކަންދޭން ފެށުމުން، އެކަމުގެ ތެރެއިން އިލާހީ ބަރަކާތް ވަނީ މުޅިން ކެނޑިގެން ގޮސްފައެވެ. އިޚްލާޞްތެރިކަން ނެތް ކޮންމެ ކަމެއްގައި ފެންނާނީ ފޭރުމާއި، ލޫޓުވުމާއި، އަދި ބިރުވެރިކަން ވިއްކައިގެން ނުހައްގުން މީހުންގެ އަތުން ފައިސާ އަތުލުމުގެ ނުބައި އަމަލުތަކެވެ.
ދީނީ ގޮތުން ބަލާއިރު ވެސް، މިއީ އަޅުގަނޑުމެންގެ ހިތްތައް ބިރުވެތިވެ، ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. މާތް ރަސްކަލާނގެއަށް އުރެދި، އިންސާފުން ބޭރުވެ، އަމާނާތްތެރިކަން ދޫކޮށްލާ މީހުންގެ މައްޗަށް، އެކި ގޮތްގޮތުން އަނިޔާވެރިވާނެ މީހުން އެކަލާނގެ އިސްކުރައްވައެވެ. މިއަދު ސިއްހީ ނިޒާމުގެ ތެރެއިން އާންމު ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ މިފަދަ ބޭއިންސާފު ކަންކަމަކީ، މުޖުތަމައުގައި އިޚްލާޞްތެރިކަން ކުޑަވެ ﷲ އަށް އުރެދުމުގެ ހިތި ނަތީޖާއަކަށް ވެދާނެއެވެ.
އެހެންކަމުން، މާތް ﷲ އަށް ހައްޤު ގޮތުގައި ކިޔަމަންތެރިވެ، އެކަލާނގެ ތަޢުޙީދުގެ އަމުރު މަތިވެރިކޮށް، ބަލި ދެނެގަތުމުގެ ނަމުގައި ހިންގޭ މިފަދަ ރަޙުމެއްނެތް ވިޔަފާރިތަކަށް ހޭލުންތެރިވުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ. އަމިއްލަ ސިއްހަތުގެ ބަލަދުވެރިއަކަށް ތިމާގެ އަމިއްލަ ނަފްސު ވުމަކީ، މިފަދަ ނުބައި ދަންތުރަތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު މަގެވެ.
“ތިޔަބައިމީހުން ޢަމަލުކުރާ ގޮތަކަށް ތިޔަބައިމީހުންނަށް ވެރިކަން ކުރެވޭނެއެވެ.” އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وكذلك نولي بعض الظالمين بعضاً ﴾ [الأنعام: 129] ﴿އަދި އެފަދައިން ތިމަންރަސްކަލާނގެ އަނިޔާވެރިންގެ ތެރެއިން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ވެރިކުރަމެވެ.﴾
މިއީ ހަމައެކަނި މިއަދު އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫނެވެ. ތާރީޚަށް ކަޅިއެއް އެއްލި ކަމުގައިވިޔަސް، މިފަދަ ބޭކާރު ސްކޭންތަކާއި އެކްސްރޭތަކުގެ ސަބަބުން އިންސާނިއްޔަތަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ހިތްދަތި ހެކިތައް ފެންނަން އެބަހުއްޓެވެ. 1950 ގެ އަހަރުތަކުގައި، ޑޮކްޓަރުން ދިޔައީ އެއްވެސް ޖެހިލުމެއްނެތި، ފެންބޯ ފަދައިން މާބަނޑު މީހުންގެ ބަނޑުގެ އެކްސްރޭތައް ނަގަމުންނެވެ. އޭރު އެއީ އެންމެ ރައްކާތެރި، މޮޅު ގޮތްކަމަށް މެޑިކަލް އެސްޓަބްލިޝްމެންޓުން ވަކާލާތުކުރިއެވެ. ނަމަވެސް އޭގެ ހިތި ނަތީޖާއަކަށްވީ ކޮބައިތޯއެވެ؟ އެކްސްރޭގެ ރޭޑިއޭޝަންގެ ސަބަބުން، މައިމީހާގެ ބަނޑުގައި އޮތް އެތައް ހާސް މައުސޫމު ތުއްތު ކުދިންނަކަށް ލޭގެ ކެންސަރު (ލޫކީމިއާ) ޖެހި، އެ ކުދިންގެ ފުރާނަ ގެއްލިގެން ދިޔުމެވެ. ޑރ. އެލިސް ސްޓީވާޓް ފަދަ ހިތްވަރުގަދަ ސައިންޓިސްޓުން މި ހަގީގަތް ހާމަކޮށްދިނުމުން، ލަދުން އިސްދަށަށް ޖަހައިގެންތިބެ މާބަނޑު މީހުން އެކްސްރޭ ކުރުން ހުއްޓާލަން މެޑިކަލް ނިޒާމަށް މަޖުބޫރުވިއެވެ. މިއަދުވެސް ތާރީޚު އިއާދަވަމުން މިދަނީ ހަމަ މިފަދަ ބިރުވެރި ގޮތަކަށެވެ. ތަފާތަކީ މިއަދު ބޭނުންކުރާ މެޝިންތަކުގެ ނަންތައް ތަފާތުވުމެވެ.
ބޭކާރު ގޮތުގައި އަބަދުމެ ސްކޭން ކުރުމާ ގުޅޭގޮތުން، މަޝްހޫރު މެޑިކަލް ޑޮކްޓަރު ޑރ. އެންޑްރިއު ކައުފްމަން، އެމް.ޑީ ވިދާޅުވެފައިވާ، ހިތަށް ކަށި ހަރާލާފަދަ މުހިންމު ވާހަކަފުޅުތަކަށް ބަލާލަމާ ހިނގާށެވެ:
ޑރ. އެންޑްރިއު ކައުފްމަން
“ތިބާ ހަދާ ސްކޭންތައް ގިނަވާ ވަރަކަށް، ހަށިގަނޑުން ކޮންމެވެސް ކަމެއް ފެނުމުގެ ފުރުސަތު ބޮޑުވެއެވެ. މިޒަމާނުގެ ސްކޭން ކުރާ މެޝިންތަކަކީ ނުހަނު ފެންވަރު ރަނގަޅު ވަސީލަތްތަކަކަށް ވުމުން، އޭގެ އެހީގައި، ދިރިއުޅުމުގައި ދުވަހަކުވެސް އުނދަގުލެއް ނުވާނެ ނުވަތަ ބައްޔެއްގެ އަލާމާތެއް ނުފެންނާނެ ކުދިކުދި އާދަޔާ ހިލާފު ކަންކަން ވެސް ދެނެގަނެވިދާނެއެވެ. ނަމަވެސް، އެފަދަ ކަމެއް ފާހަގަވުމާއެކު، ތިބާއީ ބައްޔެއް ހުރި މީހެއްގެ ގޮތުގައި ކަނޑައެޅި، ޑައިގްނޯސިސްއެއް ދެވޭނެއެވެ.
އަދި ބައްޔެއް ހުރިކަމަށް ކަނޑައެޅުމާއެކު، ތިބާ މިވަނީ ޒަމާނީ ބޭސްވެރިކަމުގެ ބޮޑު ނިޒާމެއްގެ ތެރެއަށް ވަދެވިފައެވެ. މިއީ ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި، ބޭސް ސިޓީތަކާއި، އެކި ކަހަލަ ޓެސްޓުތަކާއި ފަރުވާތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. އެހިސާބުން ފެށިގެން، ދުޅަހެޔޮކަން ދެމެހެއްޓުމުގެ ބަދަލުގައި، މުޅި ސަމާލުކަން ގިނަފަހަރަށް ހުއްޓެނީ އެ ފެނުނު ކަމަކަށް ފަރުވާކޮށް، އެކަން މެނޭޖުކުރުމުގެ މައްޗަށެވެ. މިއީ މިއަދުގެ ބޭސްވެރިކަމުގެ ހިމޭން ހަގީގަތެވެ. ކަންކަން ހޯދަން ބަލާ ވަރަކަށް އާ ކަންތައްތައް ފެންނަމުންދާނެއެވެ. އަދި މިގޮތަށް ފެންނަ ކަންކަމުގެ ސަބަބުން، އެއީ ހަށިގަނޑަށް ގެއްލުމެއް ލިބިދާނެ ކަމެއް ނޫން ނަމަވެސް، ގިނަ ބަޔަކު ވަދެގެންދަނީ އުމުރުދުވަހަށް ކުރަންޖެހޭ މޮނިޓަރިންގް އާއި ފަރުވާގެ ބުރުގަނޑެއްގެ ތެރެއަށެވެ.”
ލޯބިވާ އަޚުންނާއި އުޚުތުންނޭވެ! އެހެންކަމުން، ތިބާގެ އަމިއްލަ ފުރާނައާއި ސިއްހަތުގެ ފުރިހަމަ އިހުތިޔާރު، ފައިސާއަށް ދަހިވެތިވެފައިވާ އެހެން ބަޔަކަށް ދޫކޮށްލުމުގެ ބަދަލުގައި، އަމިއްލަ ސިއްހަތުގެ އެންމެ އިސް މީހަކަށް ތިބާ ވާށެވެ. އަމިއްލަ ސިއްހަތުގެ ބަލަދުވެރިއަކަށް ތިމާގެ އަމިއްލަ ނަފްސު ވުމަކީ، މިއަދު އަޅުގަނޑުމެންގެ ވަށައިގެން ފަތުރާފައިވާ މިފަދަ ނުބައި ދަންތުރަތަކުން ސަލާމަތްވެ، މިނިވަންކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅުމަށް އޮތް އެންމެ ބޮޑު، އަދި ހަމައެކަނި މަގެވެ!


1956 ވަނަ އަހަރު، މާބަނޑު މީހުން އެކްސްރޭ ކުރުމުން އެމީހުންގެ ދަރިންނަށް ކެންސަރު ޖެހުމުގެ ނުރައްކާ ދެގުނައަށް އިތުރުވާކަން ޑރ. އެލިސް ސްޓީވާޓް ސާބިތުކޮށްދެއްވިއެވެ. ނަމަވެސް މެޑިކަލް އެސްޓަބްލިޝްމެންޓުން (ސިއްޙީ ނިޒާމުގެ އިސް ފަރާތްތަކުން) އެ ހޯދުންތަކަކީ ޞައްޙަ ނޫން، ސުވާލު އުފެދޭ އެއްޗެއްކަމަށް ބުނެ އެކަން ބަލައިގަތުމަށް ދެކޮޅުހެދިއެވެ. އެއަށްފަހު ފާއިތުވެދިޔަ 20 އަހަރު ދުވަހުވެސް، ޑޮކްޓަރުން ދިޔައީ ހަމަ ކުރިންވެސް ނަގަމުންދިޔަ ގޮތަށް މާބަނޑު މީހުންގެ އެކްސްރޭތައް ނަގަމުންނެވެ. އެ މުއްދަތުގެ ތެރޭގައި، ރައްކާތެރިވެވޭނެ ފަދަ ކެންސަރު ބަލީގައި އެތައް ކުދިންނެއްގެ ފުރާނަ ދިޔައީ ގެއްލެމުންނެވެ. އެންމެފަހުން، 1970 ގެ އަހަރުތަކުގައި ކުރެވުނު އެހެން ދިރާސާތަކުން، އެތައް ދިހަ އަހަރެއް ކުރިން ޑރ. އެލިސް ސާބިތުކޮށްދެއްވާފައިވާ ބިރުވެރި ހަގީގަތް ކަށަވަރުކޮށްދިނެވެ. ފެށުނީއްސުރެ ޑރ. އެލިސް ވިދާޅުވަމުން ގެންދެވީ ހަމަ ތެދު ހަގީގަތެވެ. އެ ދުވަހު އެ ވާހަކަތައް އަޑުނޭހުމުގެ ހިތި އަގު އަދާކުރަންޖެހުނީ ގުނާ އަދަދު ނުކުރެވޭހާ ގިނަ މައުސޫމު ތުއްތު ކުދިންގެ ފުރާނައިންނެވެ.
މި ވެބްސައިޓުގައި އަދި މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތަކީ ހަމައެކަނި ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ މަޤްޞަދުގައި ގެނެސްދީފައިވާ މަޢުލޫމާތެވެ. މިއީ ސީދާ ޑޮކްޓަރީ ފަރުވާއެއް، ނުވަތަ ޑޮކްޓަރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރަންވާނެ މަޢުލޫމާތެއް ނޫނެވެ. މިއީ ބަލިތައް ދެނެގަތުމަށް ނުވަތަ ބައްޔަށް ފަރުވާކުރުމަށް ދެވޭ ޕްރޮފެޝަނަލް މެޑިކަލް އެޑްވައިސެއް ނޫނެވެ. ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ކުރިން، ނުވަތަ ބޭނުންކުރަމުންދާ ބޭހަކަށް ނުވަތަ ފަރުވާއަކަށް ބަދަލެއް ގެނައުމުގެ ކުރިން އަބަދުވެސް ރަޖިސްޓްރީ ކުރެވިފައިވާ ޞިއްޙީ މާހިރެއް ނުވަތަ ތިބާގެ ޑޮކްޓަރުގެ ލަފާއާއި އިރުޝާދު ހޯދާށެވެ.
ކޮމެންޓްތައް
0