ކުޑަކުދިންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރު އަދި އެޗް.ޕީ.އޭގެ އެޑްވައިޒަރީ ބޯޑުގެ ޗެއަރޕާސަން ޑރ. އަޙްމަދު ފައިސަލް، ޓީ.ވީ.އެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން އެއްވެސް މީހަކަށް މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ.
މި މައުޟޫޢުގައި އަޅުގަނޑުމެން ޑރ. ފައިސަލްއާ ސުވާލުކުރީމެވެ. ތަހުލީލީ މަރުހަލާގައި ހުރި ކޮވިޑް ވެކްސިންތައް ޖެހުމަށް މަޖުބޫރުކުރީ ކީއްވެތޯއާއި، އޭރު ގިނަ އަދަދެއްގެ ޑޮކްޓަރުން އެކަމުގެ ނުރައްކަލާ ބެހޭގޮތުން އިންޒާރު ދެމުންދިޔައިރު (ވެކްސިންގެ ސަބަބުން ފަހުން ކުރިމަތިވެދާނެ ހާޓް އެޓޭކް، ކުއްލި މަރު، ސްޓްރޯކް އަދި “ޓާބޯ ކެންސަރު” ފަދަ ނޭދެވޭ އަސަރުތަކަށް) ރިއާޔަތް ނުކުރެއްވީ ކީއްވެތޯ ސުވާލު ދެންނެވުމުން، އޭނާ ތަކުރާރުކޮށް ވިދާޅުވީ އެއްވެސް ފަރާތަކަށް ކޮވިޑް ވެކްސިން ޖެހުމަށް މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން، އޫރުގެ ބައެއް މާއްދާތައް ހިމެނޭ ކަމަށް ބުނާ ރޮޓާވައިރަސް ވެކްސިނަކީ ވެސް މަޖުބޫރު ވެކްސިނެއް ނޫން ކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް، އައި.ޖީ.އެމް.އެޗް އާއި އެކި ސިއްޙީ މަރުކަޒުތަކުން މި ވެކްސިން ދިނުމަށް އިރުޝާދު ދެމުންދާއިރު، ބައެއް ހާލަތްތަކުގައި ބެލެނިވެރިންނަށް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްނުދެވޭ ކަމުގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެވެއެވެ.
ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑރ. ފައިސަލް އަކީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނަވައި، ރާއްޖޭގައި ވެކްސިންގެ ވިޔަފާރި ފުޅާކޮށް މާކެޓްކުރުމަށް އެންމެ އިސްކޮށް މަސައްކަތްކުރައްވާ އެއް ބޭފުޅާއެވެ. އޭނާއަކީ ކުޑަކުދިންގެ ބަލިތަކަށް ފަރުވާދެއްވާ މަޝްހޫރު ޑޮކްޓަރެއްގެ އިތުރުން، ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ވެކްސިން އިޝްތިހާރުކުރުމުގައި ވަރަށް ހަރަކާތްތެރި، މުރާލި ބޭފުޅެކެވެ.
