“އެމް.އާރް.އޭ (mRNA) ވެކްސިންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާއި ހިނގާފައިވާ މަރުގެ ހާދިސާތައް ފޮރުވައި އޮޅުވާލުމަކީ މިހާރު ކުރަން އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. ހުޅަނގުގެ ގައުމުތަކުގެ ސިއްހީ އިސްވެރިންނާ ކުރެވުނު ސުވާލުތަކުންނާއި ތަހުގީގުތަކުން އެނގޭ ގޮތުގައި، އެކި ގޮތްގޮތުން ބްލެކްމެއިލްކޮށް ބިރުދައްކައިގެންނާއި މަޖުބޫރުކޮށްގެން އާންމު ރައްޔިތުންނަށް ވެކްސިން ޖެހުމަށް ވަނީ ބާރުއަޅާފައެވެ. މިކަމުގައި މީޑިއާތަކުން ވެސް ވަނީ ބިރުވެރިކަން އުފައްދައި، ސައިންސުގެ ނަމުގައި ދޮގު މައުލޫމާތު ފަތުރާފައެވެ. ނަމަވެސް، މިހާރު މި ހަގީގަތްތައް މަޑުމަޑުން ފެންމަތިވަމުންދާއިރު، މީޑިއާތަކުން މަސައްކަތް ކުރަމުންދަނީ މިކަމުގެ ސަބަބުން އާންމުންގެ މެދުގައި އުފެދިދާނެ ނުރުހުން ކުޑަކުރުމަށްޓަކައި ހަގީގަތް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ފެތުރުމަށެވެ.” – ޝެއިޚް ޑރ. އަބޫ އިޔާޟް އަމްޖަދު ރަފީޤް[i] حفظه الله ވިދާޅުވިއެވެ.
” ޓެލެގްރާފް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮވިޑް ވެކްސިންގެ ސަބަބުން އާދަޔާ ހިލާފަށް މަރުވާ މީހުންގެ އަދަދު އިތުރުވެފައިވެދާނެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކުއްލި މަރުތަކާއި، ލޭ ގަނޑުވުމާއި، ހާޓް އެޓޭކް ޖެހުމާއި، ނުރައްކާތެރި ކެންސަރުގެ ބާވަތްތަކާއި ދަރިމައިވުމުގެ މައްސަލަތައް އާދަޔާ ހިލާފަށް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަތައް ފެންމަތިވާން ފަށާފައިވަނީ 2021 ވަނަ އަހަރު ވެކްސިން ދޭން ފެށި ދުވަސްވަރާ ދިމާކޮށްކަން ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ.” [ii]
“ނެދަލޭންޑްސްގެ އަމްސްޓަޑަމްގެ ވްރީޖޭ ޔުނިވާސިޓީގެ ދިރާސާވެރިން ހުޅަނގުގެ 47 ގައުމެއްގެ ތަފާސްހިސާބުތައް ދިރާސާކުރިއިރު، 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ތިން މިލިއަނަށްވުރެ ގިނަ މީހުން އާދަޔާ ހިލާފަށް (އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް) މަރުވެފައިވާކަން ވަނީ ހާމަވެފައެވެ. ވެކްސިން ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ނަމަވެސް، މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ ދިއުމަކީ ސައިންސްވެރިން ނުހަނު ކަންބޮޑުވާ ކަމެކެވެ.
“ބީ.އެމް.ޖޭ ޕަބްލިކް ހެލްތު” މަޖައްލާގައި ޝާއިއުކުރި މި ދިރާސާގައި ބުނެފައިވަނީ، ވެކްސިންގެ ސަބަބުން ލިބިދާނެ ގެއްލުންތަކާ މެދު ސަރުކާރުތަކުން ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ. ވެކްސިން ދިނީ ބަލިން ރައްކާތެރިވުމަށް ކަމަށް (ނަމުގައި؟) ވިޔަސް، އޭގެ ސަބަބުން ނުރައްކާތެރި ސިއްހީ މައްސަލަތަކާއި މަރުގެ ހާދިސާތައް ހިނގާފައިވާކަން ހުޅަނގުގެ ގައުމުތަކުގެ ރަސްމީ ރެކޯޑްތަކުން ފެންނަން އެބަހުއްޓެވެ.
ދިރާސާވެރިން ފާހަގަކުރި ގޮތުގައި، ބަލިމަޑުކަމުގެ ތެރޭގައި ކޮންމެ މީހެއްގެ ފުރާނަ ސަލާމަތްކުރުން މުހިންމު ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ސިޔާސީ ފަރާތްތަކުންނާއި މީޑިއާތަކުން ކޮންމެ ދުވަހަކު ބުނަމުންދިޔައެވެ. އެހެންކަމުން، ބަލިމަޑުކަމަށްފަހު ފެންމަތިވަމުންދާ މި މަރުގެ ހާދިސާތަކަށް ވެސް ހަމަ އެފަދަ ސަމާލުކަމެއް ދީ، ޒިންމާދާރުވާން ޖެހޭނެއެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި ޔޫރަޕް، އެމެރިކާ އަދި އޮސްޓްރޭލިއާގައި 2020 ވަނަ އަހަރު އެއް މިލިއަނަށްވުރެ ގިނަ މީހުން އާދަޔާ ހިލާފަށް މަރުވިއިރު، 2021 ވަނަ އަހަރު 1.2 މިލިއަން މީހުން އަދި 2022 ވަނަ އަހަރު އަށްލައްކަ މީހުން މަރުވެފައިވެއެވެ. މި އަދަދުތަކުގެ ތެރޭގައި ކޮވިޑް ބަލީގައި (ވުޖޫދުގައިވާ ބައްޔެ؟) މަރުވި މީހުންގެ އިތުރުން، ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ނުސީދާކޮށް ކުރިމަތިވި މަރުގެ ހާދިސާތައް ވެސް ހިމެނެއެވެ.
ވެކްސިންގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ސްޓްރޯކް ޖެހުމާއި، ހިތުގެ މައްސަލަތަކާއި، ސިކުނޑިއަށް ލޭ ފޭބުމާއި، ލޭ ގަނޑުވުން ފަދަ ނުރައްކާތެރި ކަންކަން ހިމެނޭ ކަމަށް ދިރާސާވެރިން އިންޒާރު ދީފައިވެއެވެ. ޖަރުމަނުގެ ދިރާސާވެރިން ވެސް ވަނީ 2021 ވަނަ އަހަރު ވެކްސިން ޖަހަން ފެށުމާއެކު މަރުވާ މީހުންގެ އަދަދު އިތުރުވިކަން ފާހަގަކޮށް، އެއީ އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމެއް ކަމަށް ބުނެފައެވެ.
ނަމަވެސް، ވެކްސިންގެ ގެއްލުންތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނަށް ލިބޭނެ ގޮތް ގައުމުތަކުން ހަދާފައެއް ނުވެއެވެ. ގިނަ ގައުމުތަކުން މިފަދަ މައުލޫމާތުތައް ބަލަހައްޓަނީ އަމިއްލައަށް ރިޕޯޓްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށްވާތީ، މީގެ ހަގީގީ މިންވަރު ދެނެގަތުމަށް ހުރަސްތަކެއް ހުރިކަން ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ.
ޓެލެގްރާފް — 4 ޖޫން 2024 [iii]
[i] ޑރ. އަބޫ އިޔާޟް އަކީ މެޑިސިނަލް ބަޔޯކެމިސްޓްރީން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ފަރާތެކެވެ. މެޑިސިނަލް ބަޔޯކެމިސްޓްރީގެ ތެރޭގައި ހިމެނެނީ ބޭސް ހަށިގަނޑަށް ވަންނަ ގޮތާއި، ހަށިގަނޑުގައި ފެތުރިގެންދާ ގޮތާއި، ހަށިގަނޑުގައި ބަދަލުވެގެންދާ ގޮތާއި، އަދި ހަށިގަނޑުން ބޭރުވެގެންދާ ގޮތްތައް ދިރާސާކުރުމެވެ. އަދި ބޭހުގެ ސަބަބުން ހަށިގަނޑުގެ މޮލެކިއުލަރ ފެންވަރުގައި އަންނަ ބަދަލުތައް ދެނެގަތުމެވެ. މީގެ އިތުރުން ބޭހުގެ އަސަރު ކުރާ ގޮތާއި، އޭގެ ނޭދެވޭ އަސަރުތައް ދިރާސާކުރުމާއި، އައު ބޭސްތައް ތަރައްޤީކުރުމަށް ބޭނުންވާ މޮލެކިއުލަރ އަދި ސެލިއުލަރ ފެންވަރުގެ މަޢުލޫމާތު ހޯދުން ހިމެނެއެވެ.
[ii] Drip-feed Admissions: Covid Vaccines May Have Helped Fuel Rise In Excess Deaths https://abuiyaad.com/n/covid-jabs-excess-deaths/print
[iii] https://www.telegraph.co.uk/news/2024/06/04/covid-vaccines-may-have-helped-fuel-rise-in-excess-deaths/