މާލެ، ދިވެހިރާއްޖެ،
މިޒަމާނުގެ ބޭސްވެރިކަމަކީ ވަރަށް ބޮޑަށް ކުރިއަރާފައިވާ ދާއިރާއެކެވެ. ހާއްސަކޮށް، ހަށިގަނޑުގެ އެތެރެ ބަލައިލުމަށް ބޭނުންކުރާ ސްކޭންތަކާއި އެކްސްރޭ ފަދަ ވަސީލަތްތަކަކީ ހައިރާންވާހާ ފުރިހަމަ ތަކެއްޗެވެ. ނަމަވެސް، މި ފަންނީ ކުރިއެރުމާއެކު އުފެދޭ ސުވާލަކީ، ގިނަގިނައިން ސްކޭން ކުރުމަކީ އަބަދުވެސް އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟
ހަގީގަތަކީ، ހަށިގަނޑުގެ ތަހުލީލުތަކާއި ސްކޭންތައް ކުރާ މިންވަރު އިތުރުވާ ވަރަކަށް، ހަށިގަނޑުން ކޮންމެވެސް “އާދަޔާ ހިލާފު” ކަމެއް ފެނުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެވެ. މިޒަމާނުގެ އިމޭޖިންގ ޓެކްނޮލޮޖީއަކީ އިންތިހާއަށް ބާރުގަދަ އެއްޗަކަށް ވުމުން، ހަށިގަނޑުގައި ހުންނަ ކުދިކުދި ބަދަލުތައް ވަރަށް ފަސޭހައިން ދެނެގަނެވެއެވެ. މީގެ ތެރޭގައި، މުޅި އުމުރު ދުވަހު ހަށިގަނޑުގައި ހުއްޓަސް އެއްވެސް އުނދަގުލެއް ނުވާނެ ނުވަތަ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަންކަން ވެސް ހިމެނެއެވެ.
އެހެންނަމަވެސް، އެފަދަ ކަމެއް ފެނުމާއެކު، އެއަށް “ބައްޔެއްގެ” ނަން ދެވި، އެ މީހަކީ ބަލި މީހެއްގެ ގޮތުގައި ކަނޑައެޅިގެންދެއެވެ. ބަލި މީހެއްގެ ގޮތުގައި ލޭބަލް ކުރެވޭ ހިސާބުން، މުޅި މެޑިކަލް އެސްޓަބްލިޝްމެންޓުގެ ނިޒާމުގެ ތެރެއަށް އެ މީހަކު ދަމައިގަނެއެވެ. އެއާއެކު ފެށެނީ ފޮލޯ-އަޕް އެޕޮއިންޓްމަންޓްތަކާއި، ބޭސްތަކާއި، އަދި އެކިއެކި ޕްރޮސީޖާތަކުގެ ނިމުމެއް ނެތް ސިލްސިލާއެކެވެ. މިހިސާބުން، މީހާގެ ސިއްހަތު ދެމެހެއްޓުމާއި ދުޅަހެޔޮކަން އިތުރުކުރުމުގެ ވިސްނުން ކެނޑި، މުޅި ފޯކަސް ބަދަލުވަނީ އެ ފެނުނު “ބަލި” މެނޭޖްކުރުމަށެވެ.
މިއީ މިޒަމާނުގެ ބޭސްވެރިކަމުގައި ފެންނަން އޮތް ހިތްދަތި ހަގީގަތެކެވެ. އަޅުގަނޑުމެން ބަލަން ބޭނުންވާ ވަރަކަށް، ފެންނަ ކަންކަން ގިނަވާނެއެވެ. އަދި ފެންނަ ކަންކަން ގިނަވާ ވަރަކަށް، އުމުރު ދުވަހު ބޭސްކުރުމާއި މޮނިޓަރ ކުރުމުގެ ބުރުގެ ތެރެއަށް މީހާ ވަދެގެންދެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ، އެއްވެސް ތަހުލީލެއް ނުކުރި ނަމަ، އިންސާނާގެ ހަށިގަނޑަށް ދުވަހަކުވެސް ގެއްލުމެއް ދޭނެ ކަންކަމެއް ނޫނެވެ.
މިޒަމާނުގެ ބޭސްވެރިކަމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މި ނުރައްކާތެރި ހަގީގަތަށް ބަލާއިރު، މިއަދު މި ސިނާއަތް ބަދަލުވެފައިވަނީ ހަމައެކަނި ބަލިމީހާއަށް ފަރުވާދޭ ތަނަކަށް ނޫނެވެ. ބައެއް ހާލަތްތަކުގައި، ބަލިތައް “ޑައިގްނޯސް” ކުރުމަކީ ނުވަތަ ބަލި ދެނެގަތުމަކީ ބޮޑެތި ކުންފުނިތަކަށް ފައިސާ ޗާޕުކުރާ މެޝިނަކަށް ވަނީ ބަދަލުވެފައެވެ. އިޚްލާޞްތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރުމުގެ ބަދަލުގައި، ފައިދާއާއި މަންފާއަށް އިސްކަންދޭން ފެށުމުން، އެކަމުގެ ތެރެއިން ބަރަކާތް ކެނޑިގެންދެއެވެ. އިޚްލާޞްތެރިކަން ނެތް ކޮންމެ ކަމެއްގައި ފެންނާނީ ފޭރުމާއި، ލޫޓުވުމާއި، އަދި ނުހައްގުން މީހުންގެ އަތުން ފައިސާ އަތުލުމުގެ ނުބައި އަމަލުތަކެވެ.
ދީނީ ގޮތުން ބަލާއިރު ވެސް، މިއީ ވިސްނާލަންޖެހޭ ކަމެކެވެ. މާތް ރަސްކަލާނގެއަށް އުރެދި، އިންސާފުން ބޭރުވެ، އަމާނާތްތެރިކަން ދޫކޮށްލާ މީހުންގެ މައްޗަށް، އެކި ގޮތްގޮތުން އަނިޔާވެރިވާނެ މީހުން އެކަލާނގެ އިސްކުރައްވައެވެ. މިއަދު ސިއްހީ ނިޒާމުގެ ތެރެއިން އާންމު ރައްޔިތުންނަށް ކުރިމަތިވާ މިފަދަ ބޭއިންސާފު ކަންކަމަކީ، މުޖުތަމައުގައި އިޚްލާޞްތެރިކަން ކުޑަވެ ﷲ އަށް އުރެދުމުގެ ނަތީޖާއަކަށް ވެދާނެއެވެ. އެހެންކަމުން، ﷲ އަށް ހައްޤު ގޮތުގައި ކިޔަމަންތެރިވެ، އެކަލާނގެ ތަޢުޙީދުގެ އަމުރު މަތިވެރިކޮށް، ބަލި ދެނެގަތުމުގެ ނަމުގައި ހިންގޭ މިފަދަ ވިޔަފާރިތަކަށް ހޭލުންތެރިވެ، އަމިއްލަ ސިއްހަތުގެ ބަލަދުވެރިއަކަށް ތިމާގެ އަމިއްލަ ނަފްސު ވުމަކީ، މިފަދަ ނުބައި ދަންތުރަތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު މަގެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (ނިޔާވީ 728هـ)، ﷲ އެބޭފުޅާއަށް ރަޙުމަތް ލައްވާށި ވިދާޅުވެފައިވެ އެވެ. “ތިޔަބައިމީހުން ޢަމަލުކުރާ ގޮތަކަށް ތިޔަބައިމީހުންނަށް ވެރިކަން ކުރެވޭނެއެވެ.” އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وكذلك نولي بعض الظالمين بعضاً ﴾ [الأنعام: 129] ﴿އަދި އެފަދައިން ތިމަންރަސްކަލާނގެ އަނިޔާވެރިންގެ ތެރެއިން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ވެރިކުރަމެވެ.﴾”
ބޭކާރު ސްކޭން އަބަދުމެ ކުރުމާ ގުޅޭގޮތުން މެޑިކަލް ޑޮކްޓަރު ޑރ. އެންޑްރިއު ކައުފްމަން، އެމް.ޑީ ވިދާޅުވެފައިވާ މުހިންމު ވާހަކަފުޅުތަކަށް ބަލާލަމާ ހިނގާށެވެ.
ޑރ. އެންޑްރިއު ކައުފްމަން
“ތިބާ ހަދާ ސްކޭންތައް ގިނަވާ ވަރަކަށް، ހަށިގަނޑުން ކޮންމެވެސް ކަމެއް ފެނުމުގެ ފުރުސަތު ބޮޑުވެއެވެ. މިޒަމާނުގެ ސްކޭން ކުރާ މެޝިންތަކަކީ ނުހަނު ފެންވަރު ރަނގަޅު ވަސީލަތްތަކަކަށް ވުމުން، އޭގެ އެހީގައި، ދިރިއުޅުމުގައި ދުވަހަކުވެސް އުނދަގުލެއް ނުވާނެ ނުވަތަ ބައްޔެއްގެ އަލާމާތެއް ނުފެންނާނެ ކުދިކުދި އާދަޔާ ހިލާފު ކަންކަން ވެސް ދެނެގަނެވިދާނެއެވެ. ނަމަވެސް، އެފަދަ ކަމެއް ފާހަގަވުމާއެކު، ތިބާއީ ބައްޔެއް ހުރި މީހެއްގެ ގޮތުގައި ކަނޑައެޅި، ޑައިގްނޯސިސްއެއް ދެވޭނެއެވެ.
އަދި ބައްޔެއް ހުރިކަމަށް ކަނޑައެޅުމާއެކު، ތިބާ މިވަނީ ޒަމާނީ ބޭސްވެރިކަމުގެ ބޮޑު ނިޒާމެއްގެ ތެރެއަށް ވަދެވިފައެވެ. މިއީ ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި، ބޭސް ސިޓީތަކާއި، އެކި ކަހަލަ ޓެސްޓުތަކާއި ފަރުވާތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. އެހިސާބުން ފެށިގެން، ދުޅަހެޔޮކަން ދެމެހެއްޓުމުގެ ބަދަލުގައި، މުޅި ސަމާލުކަން ގިނަފަހަރަށް ހުއްޓެނީ އެ ފެނުނު ކަމަކަށް ފަރުވާކޮށް، އެކަން މެނޭޖުކުރުމުގެ މައްޗަށެވެ. މިއީ މިއަދުގެ ބޭސްވެރިކަމުގެ ހިމޭން ހަގީގަތެވެ. ކަންކަން ހޯދަން ބަލާ ވަރަކަށް އާ ކަންތައްތައް ފެންނަމުންދާނެއެވެ. އަދި މިގޮތަށް ފެންނަ ކަންކަމުގެ ސަބަބުން، އެއީ ހަށިގަނޑަށް ގެއްލުމެއް ލިބިދާނެ ކަމެއް ނޫން ނަމަވެސް، ގިނަ ބަޔަކު ވަދެގެންދަނީ އުމުރުދުވަހަށް ކުރަންޖެހޭ މޮނިޓަރިންގް އާއި ފަރުވާގެ ބުރުގަނޑެއްގެ ތެރެއަށެވެ.”
އެހެންކަމުން، ތިބާގެ ސިއްހަތުގެ ފުރިހަމަ އިހުތިޔާރު އެހެން ބަޔަކަށް ދޫކޮށްލުމުގެ ބަދަލުގައި، އަމިއްލަ ސިއްހަތުގެ އެންމެ އިސް މީހަކަށް ތިބާ ވާށެވެ. އަމިއްލަ ސިއްހަތުގެ ބަލަދުވެރިއަކަށް ތިމާގެ އަމިއްލަ ނަފްސު ވުމަކީ، މިފަދަ ނުބައި ދަންތުރަތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު މަގެވެ.